logo

ގަވާއިދު

ރަތްކުލައިން ފާހަގަ ކުރެވިފައި އެވަނީ އަދާހަމަކުރެވިފައިވާ ބައިތަކެވެ.

1. މުބާރާތުގެ ތަޢާރަފް

(ހ) މިއީ ށ. މިލަންދޫ ކައުންސިލުގެ އިދާރާއިން އިންތިޒާމްކޮށްގެން "ށ.މިލަންދޫ ކައުންސިލް މަދަޙަ މުބާރާތް 1447" ގެ ނަމުގައި ބާއްވާ މަދަޙަ ކިޔުމުގެ މުބާރާތެކެވެ.
(ށ) މި މުބާރާތް ރާވާ ހިންގާނީ މި ގަވާއިދުގެ ދަށުން އެކަލަވާލެވޭ ލަފާދޭ ކޮމިޓީގެ އިރުޝާދުގެ ދަށުން ށ.މިލަންދޫ ކައުންސިލުގެ އިދާރާ އިންނެވެ.
(ނ) މި ޤަވާއިދަށް ކިޔާނީ "ށ. މިލަންދޫ ކައުންސިލް މަދަޙަ މުބާރާތް 1447" ހިންގާ ޤަވާއިދެވެ.

2. މަގުޞަދު

(ހ) މިލަންދޫގެ ކުދި ބޮޑު އެންމެހައި ރައްޔިތުންގެ ހިތްތަކުގައި މަދަހަ ކިޔުމުގެ ފަންނުވެރިކަން އިތުރުކުން.
(ށ) އަމިއްލަ ދިވެހިވަންތަ ރާގާއި ޅެމުގެ އުފެއްދުންތެރިކަން އިތުރުކުރުން.
(ނ) މުޖުތަމަޢުތެރޭގައި ދިވެހި އިސްލާމީ ރިވެތި ސިފަތައް އަށަގަންނުވަން ހިތްވަރު ދިނުން.
(ރ) މިލަންދޫ ކައުންސިލާއި ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިކޮށް އެކުވެރި މާހައުލެއް ޤާއިމްކުރުން.

3. މުބާރާތް ބާއްވާ ތާރީޚް

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ. މުބާރާތް ބާއްވާ ތާރީޚަށް ބަދަލު ގެންނަން ޖެހިއްޖެ ޙާލަތެއް މެދުވެރިވެއްޖެނަމަ މުބާރާތް ބާއްވާ ތާރީޚް ބަދަލު ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިލަންދޫ ކައުންސިލަށް ލިބިގެންވެއެވެ.

4. މުބާރާތުގައި ބައިވެރިވުން

(ހ) މި މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ކަނޑައެޅިފައިވާ ތާރީޚުގެ ތެރޭގައި ފުރިހަމަކޮށް މިލަންދޫ ކައުންސިލަށް ހުށަހެޅުމުނެވެ. ފޯމާއި އެކު ދަރިވަރުންގެ އައި.ޑީ ކާޑުގެ ކޮޕީއަކާއި ހުށަހަޅައިދޭ މަދަހައިގެ ލިރިކްސް ހުށަހަޅަން ވާނެއެވެ.
(ށ) މި މުބާރާތުގައި ވަކިވަކި ކިޔުންތެރިއެއް ގޮތުގައި ނުވަތަ ގުރޫޕެއްގެ ގޮތުގައިވެސް ބައިވެރިވެވިދާނެއެވެ.
(ނ) މި މުބާރާތުގައި ބައިވެރިވެވޭނީ އަންނަނިވި ފަރާތްތަކަށެވެ:
  • މިލަންދޫގެ ރަށްވެހިން
  • މުބާރާތުގައި ބައިވެރިވާ ފަރާތުގެ މަންމަ ނުވަތަ ބައްޕަ މިލަންދޫގެ ރަށްވެއްސެއްގެ ގޮތުގައި ވުން
  • މިލަންދޫގައި ތައުލީމު ހާސިލްކުރަމުންދާ ރަށުން ބޭރުގެ ދަރިވަރުން
  • މިލަންދޫ ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ފަރާތްތައް
  • މިލަންދޫގައި ގާއިމުވެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަށް

5. މުބާރާތް ރޭވިފައިވާ ގޮތާއި ބައިވެރިވެވޭނެ ކެޓަގަރީތައް

(ހ) މި މުބާރާތް ރޭވިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ވަކިވަކި ފަރާތްތަކުގެ މަދަޙަ ހުށަހެޅުމުގެ ބަޔާއި، ގްރޫޕު މަދަހަ ހުށަހެޅުމުގެ ބައެވެ. އަދި މީގެ އިތުރުން ޖެމްސް އަދި ޕްލޭ ސްކޫލް ދަރިވަރުންނަށް ޙާއްޞަ ކެޓަގަރީއެއް ހިމެނޭނެއެވެ.
(ށ) މި މުބާރާތުގައި ވާދަކުރާނީ ތިރީގައިވާ 9 ކެޓަގަރީއަށެވެ.
  1. ޖެމްސް އަދި ޕްލޭ ސްކޫލް
  2. ފައުންޑޭޝަން
  3. ކީ ސްޓޭޖް 1
  4. ކީ ސްޓޭޖް 2
  5. ކީ ސްޓޭޖް 3
  6. ކީ ސްޓޭޖް 4
  7. ކީ ސްޓޭޖް 5
  8. 16 އަހަރާއި 29 އަހަރާ ދެމެދު
  9. 30 އަހަރު އަދި 30 އަހަރުން މަތި

6. ގްރޫޕް މަދަހަ އަދި ވަކިވަކި މަދަހަ ހުށަހެޅުމުގެ ބައި

(ހ) ގްރޫޕް މަދަޙަ ހުށަހަޅާ ކޮންމެ ގުރޫޕެއްގައި ހިމެނޭނީ މަދުވެގެން 5 އަދި ގިނަވެގެން 10 މެންބަރުންނެވެ.
(ށ) ގުރޫފް މަދަޙައިގެ ގުރޫޕްތައް ހެދޭނީ އަންހެން އަދި ފިރިހެން ދެ ޖިންސު ވަކިންނެވެ.
(ނ) ގްރޫޕް މަދަޙައިގެ ދިގުމިނަކީ 5 މިނެޓެވެ. މި ވަގުތުގެ ތެރޭގައި މަދުވެގެން މައިގަނޑާއެކު އެއް ކަޑި ކިޔަންވާނެއެވެ.
(ރ) ވަކިވަކި މަދަޙައިގެ ދިގުމިނަކީ 3 މިނެޓެވެ. މި ވަގުތުގެ ތެރޭގައި މަދުވެގެން މައިގަނޑާއެކު އެއް ކަޑި ކިޔަންވާނެއެވެ.
(ބ) ބަޔާންކުރެވުނު ވަގުތަށްވުރެ މަދަޙައިގެ ވަގުތު އިތުރުވާނަމަ މާކުސް އުނިކުރުމުގެ އިޚްތިޔާރު މުބާރާތުގެ ފަނޑިޔާރުންނަށް ލިބިގެންވެއެވެ.
(ޅ) ގްރޫޕްކޮށް އަދި ވަކިވަކިން ހުށަހަޅާ މަދަޙަތަށް ކިޔަންވާނީ ދިވެހިންނެވެ. ނަމަވެސް އަރަބި ލަފްޒުތަކާއި ބަސްތައް ދިވެހި މަދަޙަތަކުގެ ތެރެއަށް އިތުރުކޮށްގެން ކިޔިދާނެއެވެ. އެގޮތުން އެ މަދަޙައެއްގައި ޢަރަބި ބަހުގެ ނިސްބަތް %50 އިންސައްތަ އިތުރުވާނަމަ އެއީ ދިވެހި މަދަޙައެއްގެ ގޮތުގައި ނުބެލެވޭނެއެވެ.
(ކ) ހަމައެކަނި ޢަރަބި ބަހުން އަދި ދިވެހި ބަސް ފިޔަވައި އެހެނިހެން ބަސްތަކުން ހުށަހަޅާދޭ މަދަޙަތަށް މި މުބާރާތުގައި ނުކިޔޭނެއެވެ.
(އ) ގްރޫޕް އަދި ވަކިވަކި މަދަޙަ ކިޔާއިރު ކިޔަންވާނީ އެއް މަދަޙައަކަށެވެ. މަދަޙަ ކިޔާއިރު އެކި މަދަޙަތަކުގެ ބައިތަށް ގުޅުވާގެން ކިޔާ (މޭޝްއަޕް) މަދަޙަތަށް މި މުބާރާތުގައި ނުކިޔޭނެއެވެ.
(ވ) މުބާރާތުގައި ބައިވެރިވާ ހުރިހާ ބައިވެރިންވެސް މަދަޙަ ހުށަހަޅަންވާނީ ހިތުންނެވެ. އެއްވެސް ކަރުދާހެއް ނުވަތަ ފޯނު ބަލައިގެން މަދަޙަ ކިޔުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

7. ވަނަތައް އަދި އިނާމުތައް

(ހ) ވަކިވަކި މަދަޙައިގެ ކޮންމެ ކެޓަގަރީއަކުން ދެ ޖިންސު ވަކިން 1 ވަނަ 2 ވަނަ އަދި 3 ވަނަ.
(ށ) ގްރޫޕް މަދަޙައިގެ ކޮންމެ ކެޓަގަރީއަކުން ދެ ޖިންސު ވަކިން 1 ވަނަ 2 ވަނަ އަދި 3 ވަނަ.
(ނ) ވަކިވަކި މަދަޙައިގެ ދެ ޖިންސް އެއްކޮށް ހުރިހާ ކެޓަގަރީއަކުން 1 ވަނަ، 2 ވަނަ، 3 ވަނަ، 4 ވަނަ، އަދި 5 ވަނަ.
(ރ) ގްރޫޕް މަދަހައިގެ ދެ ޖިންސް އެއްކޮށް ހުރިހާ ކެޓަގަރީއަކުން 1 ވަނަ، 2 ވަނަ، 3 ވަނަ، 4 ވަނަ، އަދި 5 ވަނަ.

އިނާމުތައް:

- ވަކި ވަކި މަދަޙައިގެ ކޮންމެ ކެޓަގަރީއަކުން ދެ ޖިންސު ވަކިން 1 ވަނަ، 2ވަނަ، އަދި 3 ވަނަ އަށް މިލަންދޫ ކައުންސިލުން ދޭ ޓްރޮފީ އަދި ސެޓްފިކެޓް.
- ގްރޫޕް މަދަޙައިގެ ކޮންމެ ކެޓަގަރީއަކުން ދެ ޖިންސު ވަކިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ގުރޫޕަށް މިލަންދޫ ކައުންސިލުން ދޭ ޓްރޮފީ އަދި ސެޓްފިކެޓް.

ވަކިވަކި މަދަޙައިގެ ދެ ޖިންސު އެއްކޮށް ހުރިހާ ކެޓަގަރީއަކުން:

  • 1 ވަނައަށް 5000$ ރުފިޔާ އަދި ފަރ ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ދޭ އުމްރާ ދަތުރު
  • 2 ވަނައަށް 4000$
  • 3 ވަނައަށް 3000$
  • 4 ވަނައަށް 2000$
  • 5 ވަނައަށް 1000$

ގްރޫޕް މަދަހައިގެ ދެ ޖިންސް އެއްއްކޮށް ހުރިހާ ކެޓަގަރީއަކުން:

  • 1 ވަނައަށް 10000$
  • 2 ވަނައަށް 8000$
  • 3 ވަނައަށް 6000$
  • 4 ވަނައަށް 4000$
  • 5 ވަނައަށް 2000$

8. ވަނަތައް ހާސިލުކުރުމަށް ހޯދަންޖެހޭ މާކްސް

(ހ) ވަކިވަކި މަދަހައިގެ ކެޓަގަރީތަކުންނާއި ގުރޫޕް މަދަހައިގެ ކެޓަގަރީތަކުން 1 ވަނަ ލިބޭނީ މަދުވެގެން %60 އިންސައްތަ މާކްސް ހޯދައިގެންނެވެ.
(ށ) ވަކިވަކި މަދަހައިގެ ކެޓަގަރީތަކުންނާއި ގުރޫޕް މަދަހައިގެ ކެޓަގަރީތަކުން 2 ވަނަ ލިބޭނީ މަދުވެގެން %50 އިންސައްތަ މާކްސް ހޯދައިގެންނެވެ.
(ނ) ވަކިވަކި މަދަހައިގެ ކެޓަގަރީތަކުންނާއި ގުރޫޕް މަދަހައިގެ ކެޓަގަރީތަކުން 3 ވަނަ ލިބޭނީ މަދުވެގެން %45 އިންސައްތަ މާކްސް ހޯދައިގެންނެވެ.
(ރ) ވަކިވަކި މަދަހައާއި ގުރޫޕް މަދަހައިގެ މުޅި މުބާރާތުން ހުރިހާ ކެޓަގަރީއަކުން 1 ވަނަ، 2 ވަނަ، 3 ވަނަ، 4 ވަނަ، އަދި 5 ވަނައަށް ވާދަކުރެވޭނީ %80 އިންސައްތަ މާކްސް ލިބިގެންނެވެ.
• މުބާރާތުގެ ކަންކަން ދާގޮތުން ވަނަތައް ހޮވުމަށް ކަނޑައެޅިފައިވާ މާކުސްތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު މުބާރާތައް އިންސާފުކުރާ ޖަޖުންނަށް ލިބިގެންވެއެވެ.

9. މުބާރާތަށް އިންޞާފުކޮށް މާކްސްދޭ މިންގަނޑު

މި މުބާރާތް އިންޞާފުކުރާނީ އެކަމަށްޓަކައި މިލަންދޫ ކައުންސިލުން ކަނޑައަޅާ ފަނޑިޔާރުންގެ ޓީމަކުންނެވެ.
• ވަކިވަކި މަދަހަތަކަށް މާކްސް ދިނުމުގައި ބަލާނީ ތިރީގައިވާ ކަންކަމަށެވެ.
ކިޔުންތެރިކަންހަމަހިފެހެއްޓުންއަކުރު އަދާކުރުންހުށަހެޅުންތެރިކަން
65%20%10%5%
• ގުރޫޕް މަދަހައިގެ ހުށަހެޅުންތަކަށް މާކުސް ދިނުމުގައި ބަލާނީ ތިރީގައިވާ ކަންކަމަށެވެ.
ކިޔުންތެރިކަންހަމަހިފެހެއްޓުންއަކުރު އަދާކުރުންހުށަހެޅުންތެރިކަންވޮއިސް އެރޭންޖެމަންޓް
50%10%10%10%20%

10. ގަވާއިދުގައި ނެތްކަމެއް ދީމާވުން

މި ގަވާއިދުގައި ނެތްކަމެއް މެދުވެރިވެއްޖެނަމަ އެކަމެއް ހައްލު ކުރާނީ މިލަންދޫ ކައުންސިލް މަދަހަ މުބާރާތް 1447 ގެ ލަފާދޭ ކޮމިޓީންނެވެ.